މިއަހަރުގެ ރަމަޟާންމަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މި ވާހަކަ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި، މިހާރު އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ވެސް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ފާހަގަކުރެއްވި އެވެ. ސަރުކާރުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފަ އެވެ.
ރަށްރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް
މި މަޝްރޫޢުގެ ދަށުން އެކި ރަށްރަށުގައި 30 ހައުސިންގ ޔުނިޓުން ފެށިގެން 2،000 ހައުސިންގ ޔުނިޓާ ހަމައަށް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން:
• 18 ރަށެއްގައި 50 އަށްވުރެ މަދު ޔުނިޓް
• 17 ރަށެއްގައި 51 އާއި 150 ދެމެދުގެ އަދަދަކަށް ޔުނިޓް
• 10 ރަށެއްގައި 200-250 އާ ދެމެދުގެ އަދަދަކަށް ޔުނިޓް
• 12 ރަށެއްގައި 300 އަށްވުރެ ގިނަ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވި އެވެ.