ނ. އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މާސްޓާ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހުޅުވާލައިފި އެވެ.
މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އައިއޭއެސްއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަނެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އެކަންޏެވެ. އީއޯއައި ހުށަހެޅުމަށް ވަނީ ވަކި އީމެއިލް އެޑްރެސްތަކެއް ކަނޑައަޅާފަ އެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ހުޅުވުނު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު ވަނީ އެއާބަސް އޭ320 އާއި ބޮއިން 737 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފަ އެވެ.
މާސްޓާ ޕްލޭންގެ މުހިންމުކަން ފާހަގަކުރަމުން އައިއޭއެސްއިން ބުނީ، މި ޕްލޭނަކީ އެއާޕޯޓުގެ ކުރިމަގު ރޭވުމަށާއި، ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ. މި ޕްލޭން އެކުލަވާލުމުން އެއާޕޯޓުގެ ކުރިމަގުގެ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މާފަރު އިންޓަނޭޝަނަލް އެއާޕޯޓް