އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް

Advertisement

އެންމެ ފަސް

Advertisement

އެއް އަންހެނަކު ކޯޓުގައި ރަޖިސްޓްރީ ކުރުމެއްނެތި ތިން ކައިވެންޏެއް ކުރުމުން، ތިން ފިރިން ތިބި މައްސަލައެއް އޮތްކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މިއަދު ވަނީ އާއިލާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފެމިލީ ކޯޓުގެ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

ފެމިލީ ކޯޓުގެ ފަރާތުން ކޮމިޓީގައި މައުލޫމާތު ދެއްވަމުން އެ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ދަރިންގެ ހަރަދު ދިނުމަށް ފިލަންވެގެން ބޭރުގެ ގައުމުތަކުގައި ކައިވެނިކުރާ މައްސަލަތަކާއި، ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ އިތުރުވަމުންދާ ކަމަށެވެ.

އެގޮތަށް ރާއްޖެއިން ބޭރުގައި ކައިވެނިކޮށް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަތަކުގެ ތެރެއިން އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް އޮތްކަން ފެމިލީ ކޯޓުން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އަންހެން މީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކުރުމަށްފަހު އެ ކައިވެނި ރާއްޖޭގެ ކޯޓުގައި ރަޖިސްޓްރީ ކުރެވެން ނެތުމުން، އަމިއްލައަށް އެ ކައިވެނި ދޫކޮށްލީ ކަމަށެވެ. އެއަށްފަހު ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެންޏެއް ކޮށް، އެ ކައިވެނި ރަޖިސްޓްރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރި ކަމަށެވެ. އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅި އުޅެނީސް އިތުރު ކައިވެންޏެއް އެ އަންހެން މީހާ ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު މައުސޫމް ވިދާޅުވި އެވެ.

ފެމެލީ ކޯޓުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގަވާއިދުތަކަށް ”ފިލަން“ ވެގެން ބޭރު ޤައުމުތަކަށް ގޮސް ކައިވެނިކުރާ މައްސަލަތައް އިތުރުވެފައިވެ އެވެ. ބޭރުގައި ކައިވެނިކުރާނަމަ ހުއްދަ ނަގަންޖެހޭ ކަމުގައިވިޔަސް، ހުއްދަ ނުނަގާ ކައިވެނިކުރުންވެސް އިތުރުވެފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

މައުސޫމް ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިއީ ނަސަބުވެސް އޮޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި މިއީ މުޖުތަމައު ތެރޭ ނޭދެވޭ ވަރަށް ގިނަ ކަންތައްތަކެއް އުފެދިގެން ހިނގައިދާނެ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް ފެމިލީ ކޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ