ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ނ. ވެލިދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމަތުދެއްވަމުން އާތިފް ވިދާޅުވި ގޮތުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތައް އާބާތުރަފިލުވުމާއި ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެ އެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމަށް ނައިޓް މާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ނައިޓް މާކެޓް މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ 20:30 އިން 23:00 އަށާއި، ހުކުރު ދުވަހުގެ ހަވީރު 16:15 އިން 18:15 އަށް އަދި އެރޭ 20:30 އިން 22:30 އަށް މާކެޓް ހުޅުވިފައި ހުންނާނެ އެވެ.
މީގެއިތުރުން، ފަންޑު އެއްކުރުމުގެ ގޮތުން ޑިނާ ނައިޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތް ކުރިއަށްދާނީ ހުކުރު ދުވަހުގެ ރޭ 20:30 އިން 22:30 އަށެވެ. އަދި ކޮންމެ އަހަރަކުވެސް ކައުންސިލުން ރައްޔިތުންނަށް ދޭ ރޯދަ ޕެކް މި އަހަރުވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރަމަޟާން މަހުގެ ތެރޭގައި މަދަހަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގައި ވަނަ ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، 1 ވަނައަށް 5,000 ރުފިޔާ، 2 ވަނައަށް 2,500 ރުފިޔާ އަދި 3 ވަނައަށް 1,500 ރުފިޔާގެ އިނާމު ދެވޭނެ އެވެ.
