ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަފުޅު ދައްކަވާފައިވަނީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ތަރައްޤީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ފަރާތްތަކުގެ އެއްބާރުލުން ވަރަށް މުހިންމެވެ. އަދި އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.
”ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު މިފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ“ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިޔާލު ތަފާތުވި ނަމަވެސް، އެއްބާރުލުން ދެއްވުމަށް އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިލްތިމާސްކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ޒާތީ އަދި އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް ދިވެހިން ވާން ޖެހެއެވެ. ”އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން“ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެ ކަމަށެވެ. އަދި މި ކަމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.