ރަށްރަށުގައި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަށް ގޮސްފިކަމަށާއި، ރަށްރަށުގައި ދިރިއުޅޭ މީހުންނަށްވުރެ ނަޖިސް ގިނަވެފައިވާކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކަށް ނަޖިސް ލޯކުވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ މިއީ ހަމައެކަނި މާލެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.
މެމްބަރު ދީދީ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ނަރުދަމާ އަޅާފައި ވީނަމަވެސް، އެ ނިޒާމުތައް ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތަކާއި މެކޭނިޒަމްތައް ޤާއިމްކުރެވިފައި ނުވާކަން ފާހަގަކުރެއްވި އެވެ. ”ރަށްރަށުގައި ނަރުދަމާ އެޅިފައި ހުރި ނަމަވެސް، އެ ނިޒާމުތައް ބަލަހައްޓާނެ ގޮތެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް،“ މެމްބަރު ދީދީ ވިދާޅުވި އެވެ.
އަދި މި މައްސަލަ ހައްލުކުރުމަށް ނަރުދަމާ އަޅާ ފަރާތްތަކާއެކު ވަކި މުއްދަތަކަށް މެއިންޓެނަންސް އެގްރީމަންޓެއް ހެދުމަށް މެމްބަރު ދީދީ ހުށަހަޅުއްވައިފައިވެ އެވެ. މިގޮތުން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހެދުމަށް އޭނާ ގޮވާލެއްވި އެވެ.
މެމްބަރު ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުޅި ރާއްޖޭގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ސިސްޓަމެޓިކް އުސޫލެއް ގާއިމްކުރުމަކީ މުހިންމު ކަމެކެވެ. އަދި މި މަސައްކަތް ކުރުމަށް ވަކި އިދާރާއެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވި އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެހެން މެމްބަރުން ވެސް މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. އަދި އެކަމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އެއްކުރުމަށް ފެނަކަ ކޯޕަރޭޝަނާއި، އެމްޑަބްލިޔުއެސްސީގެ ވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް އެސްއޯއީ ކޮމިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)
