އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1،500 ޑޮލަރަށް ބޮޑުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް އެންމެ ޑެބިޓް ކާޑަކަށް މި ލިމިޓް ދޫކުރެވޭނެ އެވެ.
ބޭންކުން ބުނި ގޮތުގައި އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން، އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލީ މައުލޫމާތު ވަނީ އެ ގްރޫޕްތަކާ ހިއްސާކޮށްފަ އެވެ.
އަމިއްލަ ގޮތުން އުމްރާއަށް ދަތުރުކުރާ ފަރާތްތަކަށް މި ލިމިޓް ހަމަޖެއްސުމަށް ޓަކައި، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ހުށަހަޅަން ޖެހޭނެ އެވެ.
ބީއެމްއެލްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އުމްރާވެރިންނަށް ދޫކުރާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ވެސް ލިބޭނެ އެވެ.
މިގެއިތުރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކު، ރައީސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ކުންފުނިތަކަށް ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ ކަމަށްވެސް އިއުލާނު ކުރައްވާފަ އެވެ.
އޭގެއިތުރުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްކުރުމަށް ބޭންކުތަކުން ދޫކުރާ ޓީޓީގެ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ކްރެޑިޓް ކާޑުތަކަށް ދޫކުރާ ޑޮލަރުގެ އަދަދާއި، ޑެބިޓް ކާޑުތަކަށް ދޫކުރާ ލިމިޓްގެ އަދަދު އިތުރުކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު އެކުލަވާލި ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން އެމްއެމްއޭއަށް ޑޮލަރު މާރުކުރަމުންދާކަމަށާއި، މީގެ ސަބަބުން ދައުލަތަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެ، ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް އުމްރާ