އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ފިނި ކޮޓަރީގައި ގޮނޑި އަނބުރަން ތިބުމަށްވުރެ ޒިންމާދާރުވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މެންބަރު އައްބާސް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް އިއްވުމުން އެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
އައްބާސް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ވެންޓިލޭޓަރުގެ ހިޔާނާތާއި އެހެނިހެން ކޮރަޕްޝަންގެ އަމަލުތައް ހިންގި އިރު އޭސީސީ އޮތީ ނިދާފާ ކަމަށާއި އަދިވެސް އެ ކޮމިޝަނަކީ މުސްތަގިއްލު މުއައްސަސާއެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭސީސީއަކީ ހަމަ އެކަނި މި ފުރަ މާލޭގެ ހަތަރު ތޮށީގެ އެތެރޭގަ އެކަނި ހަރަކާތްތެރިވާން ޖެހޭ ތަނެއް ނޫން. އޭސީސީ މުޅި ރާއްޖޭގަ އެބަ ޖެހޭ ހަރަކާތްތެރިވާން. ރަށްރަށުގެ ކައުންސިލްތަކުން ހިންގާ ޖަރީމާތައްވެސް ބައްލަން އެބަ ޖެހޭ.
އޭސީސީގެ މެންބަރުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީ އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދިނުމުން އެ ބޭފުޅުން ތިބެނީ ފިނި ކޮޓަރީގައި ގޮނޑި އަނބުރާލަ އަނބުރާލާކަމަށް އައްބާސް ވިދާޅުވި އެވެ.
އެއަށް ވުރެ ޒިންމާދާރު ވާން ޖެހޭ. އެއަށް ވުރެ ޒިންމާދާރުވާން ޖެހޭނެ. އޭސީސީ މިހާރަށް ވުރެ ހަރުދަނާވާން، މިހާރަށް ވުރެ ހިންގުންތެރި، މިހާރަށް ވުރެ މުރާލި ބަޔަކަށް، މިހާރަށް ވުރެ ކެރޭ ބަޔަކަށް، އެ ކަންނެތްކަމުގެ ނިދިން އެބޭފުޅުން އެބަ ޖެހޭ ހޭ އަރުވަން.
އޭރަކު ވެރިކަމުގައި އޮތް ބަޔަކު ދައުލަތުން ވައްކަން ކޮށްގެން ދާއިރުވެސް އޭސީސީ އޮންނަނީ ނިދާފައި ކަމަށާއި ގާނޫނުން އެ މީހުންނާ މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރާކަމަށް އައްބާސް ވިދާޅުވި އެވެ.
މެންބަރު އައްބާސް ވަނީ އޭސީސީގެ ނައިބު ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ތާއީދު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް