ފަނޑިޔާރުން އަބަދުމެ މަސައްކަތްކުރަނީ އިންސާފުވެރި ފަނޑިޔާރު ގެޔެއް ޤާއިމްކުރުމަށް: އުއްތަމަ ފަނޑިޔާރު

Advertisement

Advertisement

އެންމެ ފަސް

Advertisement

މިވަގުތު ދިވެހިރާއްޖޭގައި ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަރުޢީ ދާއިރާ ވަކިފަރާތަކަށް ނުޖެހޭ، އިންސާފުވެރި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުތާސިމް ޢަދުނާން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވުނު ”ޖުޑީޝަލް އިޔަރ 2025“ ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވީ ފަނޑިޔާރުން ކުރައްވާފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވައިގެން ކަމަށާއި، ޝަރުޢީ މަސައްކަތުގެ އިންސާފުވެރިކަން ކޯޓުތަކުން ކުރާ ޙުކުމްތަކުން ދުވަހުން ދުވަހަށް ފެންނަމުންދާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ފަނޑިޔާރުން ވަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ތަބާވެ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ވަޢުދުވެފައި ކަމަށެވެ. މިވަގުތު ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ 182 ފަނޑިޔާރުންވެސް މި މަޤްޞަދު ޙާޞިލުކުރުމަށް، ލިބެންހުރި ވަސީލަތްތައް ވިސްނުންތެރިކަމާއެކު ބޭނުންކުރައްވައިގެން، ވަކިފަރާތަކަށް ނުޖެހޭ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޝަރުޢީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކުން ޤާނޫނީގޮތުން އުނދަގޫ މައްސަލަތަކަށް އަލިއަޅުވައިލައި، ޤާނޫނީ އުސޫލުތަކުގެ ތަފްސީލީ ތަރުޖަމާ ފޯރުކޮށްދެ އެވެ. މި ސާފުކަން، ދަށު ކޯޓުތަކަށާއި، އެ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި، ވަކީލުންނަށާއި އާންމު ރައްޔިތުންނަށް ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްގެ ނަތީޖާތައް ފާހަގަކުރެއްވި އެވެ. އުއްތަމަ ފަނޑިޔާރު ހާމަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރު ޑްރަގް ކޯޓު މެދުވެރިކޮށް 597 މީހުން ފަރުވާ ހޯދާފައިވެ އެވެ. މީގެ ތެރެއިން 596 މީހުން ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢަށް އަނބުރާ ގެނެވިފައިވާކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނަށް ބަލާއިރު، މި އަހަރު ޝަރުޢީދާއިރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ޒަމާނީކުރުމުގެ ޕްލޭންތަކެއް އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި މިހާރު ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށާއި، އަލަށް ހަދަންޖެހޭ ޤާނޫނުތައް އެކުލަވާލުމަށް މަސައްކަތްކުރައްވާނެކަމަށްވެސް އިޢުލާންކުރެއްވި އެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ