މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީއިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން މީޑިއާތައް ތަމްސީލުކުރާ މެންބަރުގެ މަގާމު ހުސްވާނީ މި އަހަރުގެ އެޕްރީލް 28 ވަނަ ދުވަހު އެވެ. އަދި އާންމު މެންބަރެއްގެ މަޤާމު މިހާރުވަނީ ހުސްވެފަ އެވެ.
އެހެންވެ މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ދެމަގާމަށްވެސް މެންބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
އާންމު މެންބަރުންގެ ގޮތުގައި ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތްނުކުރާ ފަރާތްތަކަށެވެ. އަދި ކައުންސިލްގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެ އެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ފަރާތްތައް ހޮވުމުގައި، ގާނޫނީ ދާއިރާއިން ނުވަތަ ދިވެހިބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)