ދުނިޔޭގެ ހެލްތް ކެއަރ ޕްރޮޑަކްސް އުފައްދާ ކުންފުނި އޮމްރޯންގެ އުފެއްދުންތައް މެޑްޓެކްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި އެވެ.
ޖަޕާނުގެ ކުންފުންޏެއްކަމަށްވާ އޮމްރޯންގެ ހެލްތް ކެއަރ ޕްރޮޑަކްޓްސް ރާއްޖެއަށް ތައާރަފްކުރުމަށް އެކަމުގެ އެއްބަސްވުމުގައި މެޑްޓެކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުބާހް ރަފީއު އެވެ. އަދި އޮމްރޯން ހެލްތްކެއަރގެ ފަރާތުން ސޮއިކުރެއްވީ އޮމްރޯން ހެލްތްކެއަރ އިންޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޓެޓްސުޔާ ޔަމަޑާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑްޓެކްގެ ސީއެސްއޯ މަރިޔަމް ވަސީމާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެ ކުންފުނިން ކުރާ މަސައްކަތަށް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިކަމާއި ގުޅިގެން މެޓްޑެކްއިން ބުނީ މިއީ އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ފެންވަރު ރަނގަޅު ހެލްތް ކެއަރ ޕްރޮޑަކްޓްސް ތަޢާރަފްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިއީ އާންމު ރައްޔިތުނަށް ފަސޭހަކޮށްދިނުމަށް ގޭތެރޭގައި ހެލްތު މޮނިޓަރކުރެވޭނެ ފަސޭހަ އާލާތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު ކަމެއްކަމަށްވެސް މެޑްޓެކްއިން ވަނީ ބުނެފަ އެވެ.
އޮމްރޯންއަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އަމިއްލައަށް އެމީހެއްގެ ސިއްހަތު މޮނިޓަރ ކޮށްލެވޭފަދަ ހެލްތް ކެއަރ ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ.