މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަޖީހު އިބްރާހމް ވިދާޅުވެއްޖެ އެވެ.
ވަޖީހު، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކުރެވިފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރި ސަބަބެއް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމައެއް ނުކުރެ އެވެ.
މަޤާމުން ވަކިކުރެއްވުުމާއި ގުޅިގެން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަޖީހު ވިދާޅުވީ އޭނާ މަޤާމުން ވަކިކުރެއްވިއިރު، މީގެ 1 ދުވަސް ކުރިން ވަނީ، މާލޭ ކޮމާޝަލް ހާބަރ ތިލަ ފުއްޓަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށިފައި ކަމަށެވެ. މި މަޝްރޫޢަކީ އެމްޕީއެލްގެ އަމިއްލަ ފައިނޭންސިންގ އާއި ކޮންޓްރެކްޓަރ ފައިނޭންސިންގގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލެއް ނުވަތަ ޙިއްޞާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށްދަނީ އިންޓަގްރޭޓެޑް ލޮޖިސްޓިކްސް އޭރިއާގެ މަސައްކަތް ކަމަށާއި، މި މަސައްކަތް ނިމުމުން މާލޭ ޕޯޓުގެ ތޮއްޖެހުމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ބަލްކް ކާގޯ ޓާމިނަލްގެ މަސައްކަތްވެސް އަވަހަށް ފެށި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފަ އެވެ. މި ޓާމިނަލުން ކޮންޓެއިނަރު އުޅަނދުފަހަރަށްވެސް ޚިދުމަތް ދެވޭނެ ކަމަށާއި، 18 ގަޑިއިރާއި 36 ގަޑިއިރުގެ ތެރޭގައި ކޮންޓެއިނަރު އުޅަނދުފަހަރަށް ޚިދުމަތްދީ ފުރުވާލެވޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކޮންޓެއިނަރ ޓާމިނަލްގެ މަސައްކަތް ނިންމައި، މުޅި ޕޯޓު ރަސްމީކޮށް ހުޅުވުމަށް ވަނީ 2027 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހަށް ރޭވިފަ އެވެ. ވަޖީހު ވިދާޅުވި ގޮތުގައި މި ބަދަލާއެކު މާލޭ ނޯތު ޕޯޓާއި ޓީ-ޖެޓީން ދޭ ޚިދުމަތްތައްވެސް ތިލަފުށީ ޕޯޓަށް ބަދަލުކުރެވޭނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން މިހާރު ކޮލަމްބޯއިން ނަގާ ކޮންޓެއިނަރު ފްރައިޓްގެ އަގު 1200 ޑޮލަރުން 800 އާއި 900 ޑޮލަރާ ދެމެދުގެ އަދަދަކަށް ތިރިވެގެންދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި މި ބަދަލު މި އަހަރުގެ ތެރޭގައި ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަޖީހު ވަނީ އޭނާގެ އުއްމީދަކީ ޕުލޭން ކުރެވިފައިވާ ގޮތަށް މާލޭ ކޮމާޝަލް ހާބަރ ތިލަފުށްޓަށް ބަދަލްކުރުމުގެ މަސައްކަތް، ކުރިޔަށް ގެންދިއުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޕީއެލްގެ ހުރިހާ މުވައްޒިފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ވަޖީހު އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އާއިލީ ބޭފުޅެކެވެ. ވަޖީހު ވަކިކުރިއިރު، ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުންވެސް މަޤާމުން ވަކިކުރައްވާ، މިނިސްޓްރީވެސް އުވާލައްވާފަ އެވެ. އަދި މިނިސްޓްރީގެ ދަށުން ކުރަމުންގެންދިޔަ މަސައްކަތްތައް ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ވަޖީހަކީ، އެމްޕީއެލްގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެމްޕީއެލްގެ ޖެނެރަލް މެނޭޖަރުކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުތައް ފުރުއްވާފަ އެވެ.
ވަޖީހު ވަނީ އޭނާ މަޤާމުގައި ހުންނެވި ދުވަސްތަކުގައި އެމްޕީއެލްއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ބަންކަރިންގ ހިދުމަތް ތައާރަފްކުރުމަށް ކުރި މަސައްކަތް ފާހަގަކޮށްލެެވެ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)


