މިއަހަރުގެ ރަމަޟާން މަހުގައި ގދ. ތިނަދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ނުވަތަ މޫނުފޫހިފިލުވުމުގެ ހަރަކާތެއް ބޭއްވުން މަނާކޮށްފި އެވެ.
ގދ. ތިނަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ނިންމުމުގެ މަޤްޞަދަކީ ރަމަޟާން މަހުގެ ރޫހާ އެއްގޮތަށް، އަޅުކަމަށް އިސްކަންދީ، އިސްލާމީ ރިވެތި އާދަކާދަތައް އާލާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ މަޤްޞަދު ހާސިލްކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ކައުންސިލުން ގޮވާލާފައިވެ އެވެ.
ކައުންސިލުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރަސްމީ މަސައްކަތްތަކަށް ބުރޫނާރާނެހެން، ފަރުޟު ނަމާދުތަކުގެ ޖަމާޢަތާއި، ތަރާވީޙް ނަމާދު އަދި ރޯދަވީއްލުމުގެ ވަގުތުތަކަށް ފުށުނާރާނެހެން ހުރިހާ ކަމެއް އިންތިޒާމުކުރުމަށް އެދިފައިވެ އެވެ. އަދި ކްލަބް ޖަމްޢިއްޔާތަކަށާއި އިޖްތިމާޢީ ހަރަކާތްތަކަށް ޚާއްޞަކޮށްފައިވާ ތަންތަނުގައި ވެސް މޫނުފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް އަންގާފައިވެ އެވެ.
ނަމަވެސް، ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި، ތިނަދޫގައި ޤާއިމްކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑު ކަނޑައެޅޭ ވަގުތުތަކުގައި އާންމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ.