މީޑިއާ ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ނުކުރާނެކަމަށް ސަރުކާރުން ބުނެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް މިފަދަ ބިލެއް ހިމެނިފައި ނުވާ ކަމަށެވެ.

ހީނާ ވަލީދު މިހެން ވިދާޅުވެފައި މިވަނީ އެސްއެސްޓީވީ ޕްރޮގްރާމެއްގައި މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ބިލެއް ފަރުމާ ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވަނިކޮށެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް މިފަދަ ބިލެއް ހިމެނިފައި ނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވެފައިވަނީ، މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މި ބިލަކީ އޭނާ އިސްނަގައިގެން ފަރުމާ ކުރަމުންދާ ބިލެއް ކަމަށާއި މި ބިލުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.

ނާޒިމްގެ ވާހަކައިގައި މީޑިއާތަކުން ޒިންމާދާރުވާން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މީޑިއާތަކުން އަމިއްލަ ރެގިއުލޭޓް ވެވޭނެކަމަށް ބުނި ނަމަވެސް އެކަން އަދި ވެފައި ނުވާ ކަމަށާއި އެކަން ވާތަން ފެންނަން ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީޑިއާއިން ބުނަނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ އޭ. އެކަމަކު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެމީހަކު ދައްކަން ބޭނުންވާ އެއްޗެއް ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ.

މީޑިއާތަކުގެ އިތުރުން އިންޓަނެޓު ރެގިއުލޭޓް ކުރުންވެސް މި ބިލުގައި ހިމެނޭނެކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ރެގިއުލޭޓް ކުރުމަކީ މުހިންމުކަމެއްކަމަށް ނާޒިމް ވިދާޅުވި އެވެ.

މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ފަރުމާ ކުރަމުންދާ ބިލަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތް އަދި ރާއްޖެއަށް އެންމެ އެކަށޭނެ ބިލަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މެލޭޝިޔާގައި އޮތް ގާނޫނަށް ރިއާޔަތް ކުރަމުންދާކަމަށް ނާޒިމް ވިދާޅުވި އެވެ.

ހީނާ ވަލީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ