އޭސީސީގެ ތަހުގީގުތައް އަވަސްކުރުމަށް ޕީޖީ އަމުރުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތައް އަވަސް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އަމުރު ކުރައްވައިފި އެވެ. 

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އޭސީސީން ހިނގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަން ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހުތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. 

އެހެންކަމުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވާފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. 

ތަހުގީގުތައް އަވަސް ކުރުމަށް ނެރުނު އަމުރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދީފައިވާ މައްސަލަތައް:

  1. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައާއި،
  2. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ،
  3. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް،

ޕީޖީން އެދިފައިވަނީ މިފަދަ ތަހުގީގު، ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގުމަށެވެ.

އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ހުރިހާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން އަމަލުކުރަންޖެހޭނެ އިރުޝާދު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. މި އިރުޝާދުގެ ބޭނުމަކީ، އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުޙަލާއިން ފެށިގެން ޕީޖީ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްޕީއާރްސީ ހިޔާނާތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ