ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް އުނގޫފާރުގައި ޕާސްޕޯޓް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި ޤައުމީ އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިޙްސާން އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާޞިފް އެވެ.
މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އުނގޫފާރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. މިއީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ކުރިއެރުމެކެވެ.
އުނގޫފާރަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ މީހުން ދުވާލަކު އެއްފަހަރަށްވުރެ ގިނައިން ޒިޔާރަތްކުރާ މަރުކަޒީ ރަށެކެވެ. އެހެންކަމުން މި ޚިދުމަތް އުނގޫފާރުގައި ޤާއިމުކުރުމަކީ މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.
މި ޚިދުމަތް ފެށުމާއެކު، އުނގޫފާރު ރައްޔިތުންނާއި އަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް މާލެ ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.
މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން މާލެ ސިޓީގެ އެކި ކަންކޮޅުތަކުގެ އިތުރުން ލާމު އަތޮޅާއި ދާލު އަތޮޅަށް މި ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން ނޮވެމްބަރު މަހުގައި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފޭސްގެ އިތުރުން، ވިލިމާލެ، ދާލު އަތޮޅު ކުޑަހުވަދޫ އަދި ލާމު އަތޮޅު ފޮނަދޫގައި ޕާސްޕޯޓު ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން އުނގޫފާރު