މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލަގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ފަރާތްތަކާއެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އެއްބަސްވުން އުވާލާ އެ މައްސަލަ އަލުން ތަހުގީގު ކުރަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަމާ ގުޅިގެން މަރުހަބާ ވިދާޅުވީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވަން.
ރައީސް ވިދާޅުވީ ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން އެއްބަސްވުން ބާތިލު ކުރި ފަރާތްތައް:
- ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
- މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ
- މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް
- ގ. އޮއިވާލި، މުޙައްމަދު ޙުސައިން
މީގެ އިތުރުން ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވާނީ ނިމުމަކަށް ގެނެސްފައެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޕީޖީ އޮފީހުން ވަނީ އަންގާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްޕީއާރްސީ ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)