ހދ. މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ފަސްގަނޑު ޙިމާޔަތްކުރުމުގެ މަސައްކަތެވެ.
މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެއްކަމުން އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އެއަރޕޯޓެއް ތަރައްޤީވެގެން އައުމެވެ.
ސިއްޙީ ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާއަށް ބަލި މީހުން ގެންދިޔުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަޙައްދުގެ ކަނޑުތައް ގަދަވުމެވެ.
އެހެންކަމުން އެރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިގް ފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކުރީ އަހަރެއް ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމާލާފަ އެވެ.
ދައުލަތުގެ މީޑިއާއައް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލުން ބުނީ، މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި މިސަރަޙައްދުގައި ޖެހުމަށް ހަމަޖެހިފައިވާ ބޮޑުހިލައިގެ ޝިޕްމަންޓް އަންނާނެކަމަށް ކޮންޓްރެކްޓަރާއި ހަވާލާދެއްވާ ކައުންސިލުން ބުނެފައިވެ އެވެ.
މަކުނުދޫ އެއަރޕޯޓް ތަރައްޤިކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފަ އެވެ.
މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފަ އެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.