ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިގެންނެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ. އެއަށްފަހު ދެބޭފުޅުން ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އައު ސަފީރު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކާ މެދު ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހިރާއްޖެއިން ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޕާކިސްތާން