ރަށްރަށުގައި ބޭރު ތޮށި ނެތުމާއި ނަރުދަމާގެ ކަންކަމުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް އިއްޔެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވިކަން ފާހަގަކުރައްވާފަ އެވެ. މާލޭގައި ހުރި ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ދިމާވި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މާލޭގެ އިތުރަށް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ބޭރު ތޮށި ހަލާކުވެފައި ހުރި ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ މައްސަލަތައް ދިމާވަނީ ދުރަށް ވިސްނާނުލާ ކަންކަން ކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އަދި ކުރިއަށް އޮތް ގަޑިތަކުގައިވެސް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށެވެ.
ވިއްސާރަ މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މޫސުން ގޯސްވުން