ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، މިއަދުގެ މޫސުމަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަންގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިހާރު އެ ސާކިއުލޭޝަންގެ ބާރު ދަށްވަމުންދާކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ޢާންމު ވައި މަޑުވެގެންދާނެ ކަމަށް މެޓުން އޮފީހުން ބުނެފައިވެ އެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވަހިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ މެޓްއޮފީހުން ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުނީ، ޢާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ކަމަށެވެ.