ފ. އަތޮޅު ނިލަންދޫގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ރަށުގެ 80 އިންސައްތަ ގެތަކަށް އަސަރުކޮށްފައިވާ ކަމަށް އެރަށު ކައުންސިލްގެ މެންބަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ، ފެން ހިންދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން މިވަގުތާ ހަމައަށްވެސް ދަނީ ކުރިއަށް ކަމަށެވެ. މި މަސައްކަތުގައި އެރަށު ކައުންސިލާއި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއާއި، ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންވެސް ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ.
އަދި ހަމަ އެހެންމެ، އެމްޓީސީސީގެ އުޅަނދުތައްވެސް ފެން ހިންދުމުގެ މަސައްކަތަށް ނެރެފައިވާ ކަމަށް ސިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ފެން ހިންދައި، ރައްޔިތުންގެ ދިރިއުޅުން އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ސިޔާމް ފާހަގަ ކުރެއްވި އެވެ.
އާ އަހަރުގެ ބަންދާ ދިމާކޮށް މުޅި ރާއްޖެއަށް ދަނީ ވިއްސާރަވެ، މޫސުން ގޯސްވަމުންނެވެ. މިދިޔަ ދެތިން ދުވަހު ކުރަން ފެށި ވިއްސާރަ މިއަދު އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ކުރިން ބުނެފައިވަނީ މޫސުން އަލިކޮށްލާނީ މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.
މެޓުން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެ މޫސުން ބަދަލުވާ ވިއްސާރައެވެ. 2025 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ އާންމު ގޮތެއްގައި އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ ލަސްކޮށް ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
މެޓުން އިތުރަށް ބުނީ، އާންމު ގޮތެއްގައި އިރުވައި މޫސުމުގެ އަސަރުތައް ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ފެށި، ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައި ޖެހުމާއި، މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ދެމިގެން ދިއުން ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފް ވިއްސާރަ މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ ފ. ނިލަންދޫ