ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށްފަހު 24 ނޮކިއާ ފޯނު ގެންދިޔަކަން ހާމަވެއްޖެ އެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ މޫކޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގަ އެވެ.
އެގޮތުން މޫކޭ ވަނީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށްފަހު ފުލުހުން ގެންދިޔަ ތަކެތީގެ ލިސްޓެއް އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން އެގެއިން ފުލުހުން ގެންގޮސްފައިވަނީ 24 ނޮކިއާ ފޯނާއި 1 ސިމް ކާޑާއި 1 ލެޕްޓޮޕްގެ އިތުރުން ސްކްރީން ތަޅައިގެން ގޮސްފައިވާ ސެމްސަންގް ފޯނެކެވެ.
މޫކޭ އެފްބީގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މިތަކެއްޗަކީ ކެމްޕޭން ދުވަސްވަރު ބޭނުން ކުރި ތަކެތި ކަމަށެވެ.
ފުލުހުން ގެންދިޔަ ތަކެތީގެ ތަފްސީލް މޫކޭ އާންމުކޮށްފައިވަނީ މޫކޭ ދިރިއުޅޭ ގެއިން ރޮލެކްސް ބްރޭންޑްގެ 5 ގަޑި ފުލުހުން ގެންދިޔަކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ފުލުހުން ވަނީ މިއީ އެގެއިން ގެންދިޔަ ތަކެތި ނޫންކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި މޫކޭ ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ މޫކޭގެ އިތުރުން އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ފުރުން މަނާވެސް ކޮށްފަ އެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. އޭގެފަހުން މި މައްސަލައިގައި ނޮވެމްބަރު 2023 ގައި ފުލުހުން ވަނީ އާރްޑީސީއަށްވެސް ވަދެފަ އެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް މީގެކުރިން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކް (މޫކޭ) ދިވެހި ފުލުހުންގެ ޚިދުމަތް