ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.
”މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއްކަމަށް މި އޮފީހަށް ފެންނާތީ، މި މައްސަލައަށްއިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައި ވާނެއެވެ.“ ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން އަންގާފައިވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އިސްދޫ ދާއިރާއަށް އަލީ ހަމީދު ހޮވިފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު އަލީ ހަމީދު ވަނި ޖުމްހޫރީ ޕާޓީން ވަކިވެ އެމްޑީޕީއަށް ސޮއި ކޮށްފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)