ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން އއ. އުކުޅަހު އިސް މެޖިސްޓްރޭޓް އަހްމަދު މުއާވިޔަތު ޤާސިމްގެެ މަގާމު ހުސްވެއްޖެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ޤާސިމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ނިމިފައިވާ ސާބިތުދަރަނީގެ މައްސަލައާ ގުޅިގެން ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާކަން މައްސަލައިގެ ލިއެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.
މީގެއިތުރުން ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާނެ ކަމަށް އިސްމެޖިސްޓްރޭޓް މުއާވިޔަތު ޤާސިމް ތަޙްޤީޤުގައި އިއުތިރާފް ވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.
ޖޭއެސްސީން ބުނެފައިވަނީ ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެ ކަމެއް ކަމަށެވެ. އަދި އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަޤާމު ހުސްވީ ކަމަށެވެ.
އެހެންކަމުން އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ޤާސިމްގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވީކަމުގައި 2024 ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.