ވެލާނާ އިންޓަނޭޝަނަ؛ލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ރާއްޖެއާ އެކު އިތުރު 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއަރޕޯޓުގެ އާ ޓާމިނަލް އަވަހަށް ނިންމައި، ހުޅުވުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެ މަޝްރޫއު އަވަސްކުރަން އަބޫދާބީ ފަންޑުން މީގެ ކުރިން ވެސް 50 މިލިއަން ޑޮލަރު އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރު ވަނީ ނަގައިފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވީ، ރަހުމަތްތެރި ގައުމުތަކުގައި އުމްރާނީ ތަރައްގީ އަށް އަބޫދާބީ ފަންޑުން އަދާކުރަމުންދާ މުހިންމު ދައުރު މި އެއްބަސްވުމާ އެކު އިތުރަށް ހާމަވާ ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި މިނިސްޓަރ ވަނީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަބޫދާބީ ފަންޑުން ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ އެހީ ފާހަގަކުރައްވައިފަ އެވެ.
މިނިސްޓަރ ވިދާޅުވީ، ވެލާނާ އެއާޕޯޓު މަޝްރޫއާ އެކު، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން މަގުފަހިވެ، ޓޫރިޒަމުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެ، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ޒަމާނީ ފެންވަރުގެ ހިދުމަތެއް ދެވޭނެ ކަމަށެވެ.
އެގޮތުން، އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި ސަރުކާރުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި އާ ޓާމިނަލް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު