ފަޒުލް ދިރިއުޅޭ ގެޔަށް ފުލުހުން ވަދެ، ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލައިގައި ތުހުމަތުކުރެވޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ، މ. ޒޭވަރު ފުލުހުން ބަލައި ފާސްކޮށްފި އެވެ.

އެގޮތުން، ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކޮށްފައި ވަނީ، ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް، ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ އަދި މިހާރު ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ހުރިހާ ކަމަކަށް އިންކާރުކޮށްފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި، އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް؛

މައްސަލައިގެ ތުހުމަތުވާ އެޗްޑީސީއާ ހައުސިން މިނިސްޓްރީގެ މިހާރުގެ ގިނަވެރިންތަކެއް މިހާރުވެސް ތިބީ ސަސްޕެންޝަންގަ އެވެ. އޭގެތެރޭގައި އެޗްޑީސީގެ ޗެއަރމަން ފިިޔަވާ ބޯޑުގެ ހުރިހާ މެމްބަރުންވެސް ހިމެނެ އެވެ. އަދި އެ ބޭފުޅުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ.

އެޗްޑީސީ އިން ގޯތި ދިނުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާކަން ހާމަވީ، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކެއްގގަ އެވެ. މި ލިޔުންތަކުން ދައްކާގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.

މި މައްސަލައިގައި، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. މި ސިޓީގައި އެދިފައިވަނީ ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރުމަށެވެ.

ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވެ އެވެ. މި ދެ ފަރާތުގެ ތެރެއިން އެކަކީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްކަން ވެސް ސިޓީން އެނގެ އެވެ.

މި މައްސަލައާ ގުޅިގެން، 15 އޮގަސްޓްގައި ހައުސިންގ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ”ފޯޖް“ ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ މިއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށެވެ.

އޭގެއިތުރުންވެސް އެޗްޑީީއާ ގުޅުންހުރި ބޮޑެތި ހިޔާނަތްތަކެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ފެންމަތިކުރަމުންނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ