ކުންފުންޏަށް ފުރަތަމަ ފަހަރަށް ރެވެނިއު ޖެނެރޭޓިން ސްޓޭޓަސް ކަށަވަރުކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ މިއަހަރު ތެރޭ އެފްޑީސީ އާމްދަނީ ހޯދޭ ކުންފުންޏަކަށް ބަދަލުވެގެންދިޔަ ކަމަށެވެ. މިއީ ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހާސިލުވި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ހަމްދާން ވިދާޅުވީ ކުންފުންޏަކީ އަމިއްލައަށް ފުދުންތެރި ކުންފުންޏަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ. އެ އަމާޒު ހާސިލުކުރުމަށް މި އަހަރު ތެރޭ އެފްޑީސީ އިން ވަނީ މަސައްކަތްތައް ފަށާފަ އެވެ.
މިވަގުތު އެފްޑީސީ އިން މިވަނީ ޕްރޮޖެކްޓަށް ޚާއްޞަ ކޮންސަލްޓެންސީ ޚިދުމަތްތަކާއެކު ފުރިހަމަ ޕީއެމްސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މޮޑެލްއެއް އެކުލަވާލާފަ އެވެ. އެ ހިދުމަތް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ޚާއްޞަކޮށް އެ ފުރުސަތު ހުޅުވާލާފައި ވެއެވެ. ނަމަވެސް މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އެފްޑީސީ އިން އެ ހިދުމަތް ފޯރުކޮށްދެނީ ސަރުކާރުގެ ކުންފުނިތަކަށް އެކަނި ކަމަށް ހަމްދާން މައުލޫމާތު ދެއްވި އެވެ.
މި ހިދުމަތް ދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ، މޯލްޑިވްސް ގޭސް އަދި ހައްޖު ކޯޕަރޭޝަނާއެކު އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާއިރު ސަރުކާރުގެ އެހެން މުއައްސަސާތަކާއި އިދާރާތަކާ އެކު މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް ހަމްދާން ހާމަކުރެއްވި އެވެ. ސަރުކާރުން ދޭ ބަޖެޓުން ކުންފުނި ހިންގުމަށް މުޅިން ބަރޯސާނުވެ ކުންފުންޏަށް ލިބޭ އާމްދަނީ ހޯދަން އެހެން ދާއިރާތަކުގެ މަޝްރޫއުތައް ހިންގުމަށް އެފްޑީސީ އިން މަސައްކަތް ކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
”މިއަށްވުރެ ދިގު މުއްދަތަކަށް އަޅުގަނޑުމެން ތަރައްޤީކުރާނީ ވިޔަފާރީގެ ގޮތުން ފައިދާހުރި މުނިފޫހިފިލުވުމުގެ ހަބްތަކާއި ވިޔަފާރި ޓަވަރުތަކާއި އިޖުތިމާޢީ ބޯހިޔާވަހިކަމުން ބޭރުގައި ހިންގާ އެހެނިހެން މަޝްރޫޢުތައް ހިންގުމަށް . އެއީ ސަރުކާރުގެ ކެޕިޓަލް އިންޖެކްޝަންތަކުން މާލީ މިނިވަންކަން ކަށަވަރުކުރުމުގެ ޚާއްޞަ އަމާޒުގަ. އިން ޝާ الله އަޅުގަނޑުމެންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މި އަމާޒުތައް ހާސިލުކުރެވޭނެ“