މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވަލް ސަރަހައްދުގައި ޢިމާރާތްކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްޤީކުރުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ގެޒެޓްގައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، އައު ސްޓޭޖް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވުމަށް އަންގާފައިވެ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ސިޓީ ކައުންސިލްގެ އިދާރާގަ އެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހު އެވެ. މި ނިންމުމަށް ވާސިލުވުމުގެ މައިގަނޑު ސަބަބަކީ އެތައް އަހަރެއް ވަންދެން ކާނިވާ ސަރަހައްދު ބާވެފައި އޮތުމުން އެ ސަރަހައްދުން ދާ ބަޔަކަށް އަނިޔާވުމުގެ ފުރުސަތު އޮތުމެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. ފުރަތަމަ އެތަނުގައި ތަފާތު ކުޅިވަރުތައް ބޭއްވުނު ނަމަވެސް، ފަހުން އެ ސްޓޭޖް ބޭނުންކުރެވިފައިވަނީ ސިޔާސީ ހަރަކާތްތަކާއި މިއުޒިކް ޝޯވތައް ބޭއްވުމަށެވެ.