ވެހިރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ބޮޑުތަނުން އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޯ.ޕީ.ޑީ.އޭ.ޓީ އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި ”ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް“ ގައި ވާހަކަދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ، 2023 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދަޢުވާ އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދަޢުވާ ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހާމަކުރެއްވި އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކާ އަޅާބަލާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި 112.5 އިންސައްތަ އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި 14 އިންސައްތައިގެ އިތުރުވުމެކެވެ.
”މިކަމުން ދައްކުވައިދެނީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.“ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވި އެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ސްރީ ލަންކާ، އަދި ބަނގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި އެވެ. މި ޕްރޮގްރާމްގައި އެކި ޤައުމުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނުތައް ހިމެނު ނެވެ.
ކަސްޓަމްސް މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)