މާލެއާއި ވިލިމާލެ މަގުތައް ހެދުމަށް ފެށި ސާވޭގެ މަސައްކަތް ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީއާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމަށް ބޭނުންފުޅުވި މަޝްރޫޢުގެ ތަންފީޒީ މަސައްކަތް ފަށާފައިވާ ކަމަށެވެ،
ސިލްސިލާ ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އައްޔަންކުރި އެކްސްޕާޓް ޓީމުން ވަނީ 5 ނޮވެމްބަރުން ފެށިގެން 21 ނޮވެމްބަރު ގައި ނިންމާލި މަގުތަކުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތް ނިންމާފަ އެވެ.
މި މުއްދަތުގައި އެ ޓީމުން ވަނީ މާލެ އާއި ވިލިމާލެ މަގުގެ ވެސް ފީސިބިލިޓީ ސްޓަޑީ، މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން މަސައްކަތްކޮށްފަ އެވެ.
މި މަޝްރޫއުގެ މަގްސަދަކީ މަގުތަކުގެ ހާލަތު ގޯސްވަމުންދާ ހާލަތު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ފޯރުކޮށްދިނުމެވެ.
ދެން އޮންނަ ފިޔަވަހީގައި މި މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ކުރިއަށްގެންދާނެ އެވެ.
އަންނަ 2025 ވަނަ އަހަރުގެ މެދުތެރެއަށް މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އަދި މި މަޝްރޫއުގެ ޓާގެޓަކީ އަންނަ އަހަރު ފަށައިގެން ކުރިޔަށް އޮތް 4 އަހަރުގެ ތެރޭގައި މަޝްރޫއު ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންނަމަވެސް، މާލެއަކީ ވަރަށް ތޮށްޖެހިފައި އޮތް ތަނަކަށްވާތީ ވީހާވެސް މީހުންނަށް ދަތިނުވާގޮތަށް ވިސްނައިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދާނެތީވެ ސީދާ ޕްރޮޖެކްޓް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވި އެވެ.
މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލާ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ހިލޭ އެހީ ދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވީ، މި އަހަރުގެ ކުރީ ކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ.
ވިލިމާލެ މަގު ހެދުމުގެ މަޝްރޫ މާލެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ