މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނިކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ މައްސަލަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޖެނިފާ އޭނާގެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން މިދިޔަ ހަފުތާގައި މި މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، މި ވަގުތާ ހަމައަށް ކޯޓުން މައްސަލަ ބަލައިގަނެފައެއް ނުވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމަކުން އޭނާ އެ މަގާމުން ވަކިކުރި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވެ އެވެ.
މީގެ އިތުރުން، ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރައާއި އިނާޔަތްތަކަށްވާ 56,000 ރުފިޔާއަށް ވުރެ ގިނަ އަދަދެއް ޖެނިފާއަށް ދޭންޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
ހައި ކޯޓު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ވަޒީފާއާބެހޭ ޓްރައިބިއުނަލް