ބަންކަރިން ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ގޮތުން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަފުތާ 52ގެ ނަމުގައި ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވާލި މެދުރާސްތާގެ ބަޖެޓް ޕްލޭނާއި 3 އަހަރުގެ އިސްތިރާޖީ ޕްލޭން ފިޔަވައި، އެހެން އެއްވެސް މިޑް ޓާމް ރިޕޯޓެއްގައި ފަތުރުވެރިކަން ނޫން އެހެން ދާއިރާއަކުން އާމްދަނީ ލިބޭނެ ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަހަރު ތެރޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއެކު، މި ސިނާއަތުން ރާއްޖެއަށް އާމްދަނީ ލިބެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”މި އޮތް ދަތީގައިވެސް، އޮފް ޝޯ ހިދުމަތެއްގެ ގޮތުގައި ފަށައިގެންވެސް ގާތްގަނޑަކަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯ ހޯއްދަވައިފި،“ އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ވެސް މިހާރު ގާއިމްކޮށްފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއިދުނިޔޭގައި ހަކަތައިގެ ވިޔަފާރި ކުރާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލްއާއި ގުޅިގެން ރާއްޖޭގައި ފިއުލް ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މި ހިދުމަތް ފަށާފައިވަނީ އިހަވަންދިއްޕޮޅުގަ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދިނުމަށް ބިން ހިއްކައިގެން މި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ބަންކަރިންގ ހިދުމަތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު