ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށް ރާއްޖެއާއި ޗައިނާއިން ދަނީ އެއްބާރުލުން ދެމުން: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ އިގްތިސާދީ މާހައުލު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށް ރާއްޖެއާއި ޗައިނާއިން އެއްބާރުލުން ދެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޗައިނާގެ ޓިއަންޖިން ސިޓީގައި ކުރިއަށްދާ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ދެ ގައުމުގެ އިގްތިސާދީ ގުޅުމަކީ އަބަދުވެސް ވަރުގަދަ ވަމުން އަންނަ ގުޅުމެއް ކަމަށެވެ.

ރައީސް މުއިއްޒާއި ރައީސް ޝީ އަދި ދެގައުމުގެ އިސްވެރިން ބޭއްވެވި މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއަކީ އުފަލާއި ހިތާމައިގައިވެސް އެކުގައި ތިބޭ ދެ ގައުމު ކަމަށެވެ. އަދި ދެ ގައުމުން އެއް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެ އެވެ.

މިދިޔަ އަހަރު ދެ ގައުމުގެ ގުޅުން ފުރިހަމަ ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕަކަށް މަތިކޮށް، ވަރުގަދަ ޗައިނާ-މޯލްޑިވްސް ކޮމިއުނިޓީއެއް ބިނާކުރުމަށް އެއްބަސްވެފައިވާކަން ރައީސް ޝީ ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ދެ ގައުމުގެ މެދުގައި ހިންގޭ މަޝްރޫޢުތަކުން ރަނގަޅު ކުރިއެރުންތަކެއް ހޯދިފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ ސަލާމަތް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ރާއްޖެއަށް އެންމެ އެކަށޭނަ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާގެ ރައީސް ޝީ ޖިންޕިންގ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ