އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓް ފޮތް މެންބަރުންނަށް މިއަދު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓް ފޮތަށް މެންބަރުން ފަރިތަވެލުމަށްޓަކައި މިއަދު ހެނދުނު 10:30 އާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދެން ބަޖެޓް ބަހުސް ކުރިއަށް ގެންދާނީ މާދަމާ ކަމަށްވެސް ވިދާޅުވި އެވެ.
ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް ބަޖެޓާ މެދު ވާހަކަ ދެއްކުމަށް 15 މިނެޓްގެ ފުރުސަތެއް ލިބޭނެ އެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.