އަތޮޅު ކައުންސިލްތަކުގެ ވެރިން ކަނޑައެޅުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވަން ޖެހޭކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައިބީ މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އައިބީ ވިދާޅުވި ގޮތުގައި މިހާރު ކޮމިޝަންތަކުގެ ވެރިންނަށް ރައީސްއޭ ކިޔުމުން އެއީ ވަކި ޚާއްޞަ ބައެއްގެ ގޮތުގައި ހީވާ ކަމަށާއި، މި ތަންތަން ހިންގަނީވެސް ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހިންގުން ބައްޓަންކުރަނީ އަމިއްލައަށް ބޭނުންވާ ގޮތަށް ކަމަށް އައިބީ ފާހަގަކުރެއްވި އެވެ.
”ހުރިހާ ކޮމިޝަންތަކެއްގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ. އެއީ ކޮމިޝަންތަކުގެ މެންބަރުންނަކީވެސް ރައީސުލްޖުމްހޫރިއްޔާ ތާއީދުކޮށް މަޖިލީހުން ރުހުން ލިބިފައިވާ ބައެއް،“ އައިބީ ވިދާޅުވި އެވެ.
އައިބީ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކޮމިޝަންތަކަށް މެންބަރުން އައްޔަނުކުރާ ގޮތަށް އޮންނައިރު، ގިނަ ފަހަރު މަޖިލީހުގައި އޮންނަނީ ސަރުކާރުގެ މެޖޯރިޓީ ކަމަށްވުމުން، ހަމަ އައްޔަނުކުރެވިގެންދަނީ ރައީސްގެ ތާއީދު އޮންނަ މީހަކު ކަމަށެވެ.
ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާނަމަ، މެޖޯރިޓީ ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް އަންނަ ބޭފުޅާއަށް މިފަދަ ބާރުތައް ދޭން ޖެހޭކަމަށްވެސް އައިބީ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ.
މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަނު ކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށް ކަމަށެވެ.
އިސްލާހުގައި މިހާރު ބުނެފައިވަނީ، އޭސީސީގެ މެންބަރުންގެ ތެރެއިން ރައީސް އަދި ނައިބު ރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް މެންބަރުންގެ ތެރެއިން މީހަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)