ކުރީގެ ސަރުކާރުން އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީއަށް ޚަރަދުކުރާ ފަރާތްތަކަށް ޕްރޮޖެކްޓުތައް ޙަވާލުކޮށްފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށާއި، އެމްޑީޕީން ޤައުމުގެ ކަންކަން ބަލަހައްޓާފައިވަނީ އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ކަމަށެވެ.
”އެހެންނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތައްވާ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރައްވާ ބޭފުޅެއް. ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތެއް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުން ގެންދޭ.“
ޝާހިދު ވިދާޅުވީ، މިއަދުގެ ސަރުކާރަށް ދިމާވެފައިވާ ގިނަ ދަތިތަކަކީ ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ކަމަށެވެ. ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ޖެހުނީ ބޭރުގެ އަދި އެތެރޭގެ ދަރަނިތަކުން އަރައިގަތުމަށް މަސައްކަތްކުރަން ކަމަށް ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އަހަރަށް އެކުލަވާލައި ހުށަހަޅާ ބަޖެޓުން ރައްޔިތުންނަށް އުފާވެރިކަންތަކެއް ޙާޞިލުވެގެންދާނެ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލިސް