ފަތުރުވެރިކަން ނެތް އަތޮޅުތަކުން ޓީޖީއެސްޓީ ބޮޑު ނުކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވައިފި އެވެ.
މައުރޫފް މި ހުށަހެޅުން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ 4 ބިލެއް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.
މައުރޫފް ވަނީ ފަތުރުވެރިކަން ނެތް އަތޮޅުތަކާއި ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީ ބޮޑު ނުކުރުމަށް ހުށަހަޅާފަ އެވެ. މައުރޫފްގެ އެ ހުށަހެޅުއްވުމުގެ ތެރެއިން ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ޓީޖީއެސްޓީ ބޮޑު ނުކުރުމަށް މެންބަރުންގެ ތާއީދުކޮށް ވާހަކަ ދެއްކެވި ނަމަވެސް ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީ ބޮޑު ނުކުރުމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.
މައުރޫފް ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް ފާހަގަ ކުރެއްވި އަތޮޅުތަކުން ޓީޖީއެސްޓީ ބޮޑު ނުކުރުމަށް އެދޭ ކަމަށެވެ. މިނިސްޓަރު ފައިސަލް ވަނީ ފަތުރުވެރިކަން ނެތް އަތޮޅުތަކުގެ ވާހަކަތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދައްކަވާފަ އެވެ.
މި އިސްލާހަށް މިއަދުގެ ކޮމިޓީގައި ވޯޓަށް އަހާފައެއް ނުވެ އެވެ. ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އިސްލާހަށް ވޯޓަށް ނޭހީ މި ބިލުގެ މަސައްކަތް ސަބް ކޮމިޓީއަކަށް ފޮނުވަން ނިންމާފައިވާތީކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު