އެސެޓް ރިކަވަރީ ބިލް ނިންމަން އޭސީސީގައި ވަރަށް އާދޭސް ކުރެވިއްޖެ، އެކަމެއް ނުވި: އުޝާމް

Advertisement

އެންމެ ފަސް

Advertisement

އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވަރަށް އާދޭސް ކުރެވިއްޖެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެ ބިލުގެ މަސައްކަތް ނިންމުމަށް އޭސީސީގައި އާދޭސް ކުރެވިއްޖެ ކަމަށާއި އެކަން އަދިވެސް ނުވާ ކަމަށެވެ. އެހެންކަމުން އެ ބިލުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަން ނިންމާފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ބިލް އަންނަ އަހަރު މަޖިލީހަށް ހުށަހަޅާނެކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މިދިޔަ ސަރުކާރުން ދައުލަތުގެ އެސެޓް ނުއަގުގައި އެކި ފަރާތްތަކަށް ދީފައިވާ ކަމަށާއި އެ އެސެޓްތަކުގެ ހަމަ އަގު ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އަޅުގަނޑު އެޓާނީ ޖެނެރަލްގެ މަގާމާ ހަވާލުވެގެން ވަރަށް ކުރީކޮޅު މި މަސައްކަތް މިގޮތަށް ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނާ މަޝްވަރާ ކުރިން. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތް އޭރުވެސް ކުރައްވަމުން ގެންދެވި. އަޅުގަނޑު އުންމީދުކޮށްގެން ހުރީ މިއަހަރު ތެރޭގަ މަޖިލީހަށް އެ ބިލް ހުށަހެޅޭނެކަމަށް.

އޭސީސީން އެސެޓް ރިކަވަރީ ބިލުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އެ ބިލު އަދިވެސް ބަންޑާރަ ނައިބުގެ އޮފީހަށް ލިބިފައި ނުވާކަމަށާއި އެހެން ކަމުން ބަންޑާރަ ނައިބުގެ އޮފީހުން މިހާރު މަސައްކަތް ކުރަނީ އެ އޮފީހުން އެ ބިލު ޑްރާފްޓް ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމަށްކަމަށް އުޝާމް ވިދާޅުވި އެވެ.

ނުއަގުގައި އެކި ފަރާތްތަކަށް ދީފައިވާ އެސެޓްތަކުގެ ހަމަ އަގު ހޯދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އުޝާމް ވިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިން އެސެޓްތަކުގެ މައްސަލައަށްވެސް އުޝާމް ވަނީ އަލި އަޅުއްވާލައްވާފަ އެވެ.

ކުރީގެ ސަރުކާރުން 1 ބިލިއަން ރުފިޔާގެ އެސެޓްތައް ބަދަލުގެ ގޮތުގައި ދީފައިވޭ. ނަގުދު ފައިސާގެ ގޮތުގައި ދީފައި ހުރީ އެސެޓްތަކުގެ ނިސްބަތުން ބަލާއިރު ވަރަށް ކުޑަ އަދަދެއް.

އުޝާމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ސެޓްލްމެންޓް ކޮމިޓީއެއް އުފައްދައިގެން 11 ފަރާތަކަށް ބަދަލު ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ފަރާތަކަށް ފިޔަވާ އެހެން ހުރިހާ ފަރާތްތަކަށްވެސް ބަދަލު ދީފައިވަނީ އެސެޓުކަމަށް އުޝާމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނައީ ބަދަލުގެ ގޮތުގައި ރަށްތަކާއި ފަޅުތައް ދީފައިވާ މައްސަލަތައްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީ ބަދަލު ދިން 11 ފަރާތުގެ މައްސަލަ ވަކި ވަކިން ބަލާފައިވާ ކަމަށާއި ގަބޫލު ކުރެވެނީ އެއީ ގާނޫނާ ހިލާފަށް ދީފައިވާ ބަދަލުކަމަށް އުޝާމްގެ ވާހަކައިގައި ވާހަގަކުރެއްވި އެވެ. އެހެންކަމުން އެ އެއްބަސްވުންތައް ބާތިލް ކުރެވޭނެ ގޮތެއް ހޯދާ އެކަން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ.

ރައީސް އޮފީސް ބަންޑާރަ ނައިބް އަހުމަދު އުޝާމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެޓާނީ ޖެނެރަލްސް އޮފީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ