އޭއައިއާއި ބެހޭ ގާނޫނީ ފްރޭމްވޯކެއް ހިމެނޭ މާސްޓާޕްލޭނެއް އެކުލަވާލަން ނިންމަވައިފި އެެވެ.
ރައީސް އޮފީހުން ބުުނީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތައް މި ފްރޭމްވޯކްގައި އެކުލަވާނެ ކަމަށެވެ. އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އޮކްޓޫބަރު 16 ވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ ވަޒީރުންނަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފަ އެވެ.