ވިފާޤް އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ސެންސިޓިވް މަޢުލޫމާތު އެންމެ ރަނގަޅު ނޫން ގޮތުގައި ހާމަކުރެވުނު ކަމަށް ބުނެ ފުލުހުންގެ ޚިދުމަތުން މަޢާފަށް އެދިއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވިފާޤްގެ މަރާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތުތަކެއް ހާމަކުރަން ޖެހުނީ، އެ މައްސަލައާ ގުޅޭގޮތުން މީޑިއާއަކުން ހަޤީޤަތް އޮޅޭ ގޮތަށް ޕްރޮގްރާމެއް ބްރޯޑްކާސްޓް ކުރުމުން ކަމަށެވެ. އެ ޕްރޮގްރާމުގައި ފުލުހުންގެ ތަޙްޤީޤު ކުރިއަށްގެންދިޔަ ގޮތާއި، ނިޔާވެފައިވާ ފަރާތުގެ ޢާޢާއިލާގެ ބައެއް މެންބަރުންނާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ހިމެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
”ނަމަވެސް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން ގަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ،“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ވިފާގަކީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް ކަމަށް އޭނާގެ މެޑިކަލް ރިކޯޑުން ހާމަވެގެންދާ ކަމަށެވެ. އެގޮތުން، އޭނާގެ ފޮރެންސިކް ރިޕޯޓް އިން ވިފާގްއަކީ ބިކުރުވެރި ހާލަތުގައި ހުރި ކުއްޖެއްކަން ހާމަވެގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ވިފާގް ނަފްސާނީ ބައްޔަށް ހޯދި ފަރުވާތަކުގެ ރިޕޯޓުތަކުންވެސް އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކުރިމަތިވިކަމަށް ވިފާގް ބުނެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިފާގް އިމާރާތަކުން ވެއްޓި މަރުވުމުގެ ހާދިސާ ހިނގާފައިވަނީ އޮގަސްޓް 14 ގަ އެވެ. ފުލުހުން ބުނީ ވިފާގް ވެއްޓުނީ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތެއް މަތިން ކަމަށެވެ. ވިފާގް ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން އޭރު އިލްތިމާސްކޮށްފައި ވެއެވެ. ނަމަވެސް، ޗެނެލް 13 މީޑިއާއިން މި ހާދިސާއާއި ގުޅުންހުރި ޑޮކިއުމެންޓްރީއެއް ތަފްސީލްކޮށް ގެނެސްދިނުމުން އާއިލާއިން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްދީފައި ވެއެވެ. ވީމާ، އެ މައްސަލަ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.
ވިފާގްއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ދޮން ދަރިކަލުން ނެވެ.