ނ. ވެލިދޫ އަދި ހއ. ދިއްދޫގައި ގާއިމްކުރަމުންދާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި، އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އަމާޒެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
މި ދެ ކޮލެޖްގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މިހާތަނަށް ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ 30 އިންސައްތަ އަދި ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައިކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ވެލިދޫ ޖޫނިއަރ ކޮލެޖް ނިމުމުން އެތަނުގައި ސްމާޓް ކްލާސްރޫމްތަކާއި، އައި.ސީ.ޓީ ލެބޯޓަރީއަކާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ލައިބްރަރީއެއް ހުންނާނެ އެވެ. އަދި ތަފާތު ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ދިއްދޫ ޖޫނިއަރ ކޮލެޖްގައި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ޚާއްޞަ ލެބޯޓަރީތަކާއި ވޯކްޝޮޕްތަކުގެ އިތުރުން، މަލްޓި-ޕާޕަސް ވޯކްޝޮޕާއި، ކްލާސްރޫމްތަކާއި، އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. މީގެ އިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީއެއްވެސް ހުންނާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްޞަކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން، ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި އެހެނިހެން ކޯސްތައްވެސް މި ދެ އިންސްޓިޓިއުޓުގައި ހިންގާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ހއ. ދިއްދޫ ނ. ވެލިދޫ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)