އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމްވުމަށް ރައީސް ފުރުސަތެއް ދެން ނުދެއްވާނެ: މަމްދޫހު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިންގެ ކަންތައް އަބަދުވެސް ނިންމާނީ ދިވެހިން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމްވެތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރުސަތު ނުދެއްވާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

މަމްދޫހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިޝާރާތް ކުރައްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބެންގަލޫރުގައި ތިބި ދިވެހިންނާ މުޚާޠަބުކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ.

މަމްދޫހުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަޝްވަރާގެ ރިވެތި އުސޫލުތައް އިސްކޮށް، އިންޑިއާގެ ސިފައިން މި ޤައުމުގައި ޤާއިމުވެ ތިބި ތިބުން ނިމިދިޔަ މެއި މަހު ނިންމާލާފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފުރުސަތެއް އެއްވެސް ބަޔަކަށް ރައީސް ނުދެއްވާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މީގެއިތުރުން، ހަރުދަނާ ޚާރިޖީ ސިޔާސަތުތަކާއެކު، ހުރިހާ ޤައުމުތަކަކާ ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރަމުން ގެންދަވާނެ ކަމަށްވެސް މަމްދޫހު ފާހަގަކުރެއްވި އެވެ. ނަމަވެސް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާއި އަމިއްލަވަންތަކަން އެހެން އެއްވެސް ބައެއްގެ އަތްމައްޗަށް ރައީސް މުއިއްޒު ދޫކޮށްނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”ދިވެހީންގެ ކަންކަން ނިންމާނީ ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަމުގައި، އަބަދުވެސް ދިވެހީން. މި ސަރުކާރުގެ ހުރިހާ ޚާރިޖީ ސިޔާސަތުތަކެއް ބިނާވެ ބައްޓަންވެގެންދަނީ، އަދި ދާނީވެސް، ’މޯލްޑިވްސް ފަސްޓް‘ ޕޮލލިސީގެ މައްޗަށް“ މަމްދޫހު ވިދާޅުވި އެވެ.

ރައީސް ބެންގަލޫރުގައި ދެއްކެވި ވާހަކައިގައި ވަނީ ރާއްޖެއާއި އެހެން ގައުމުތަކާއި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ނުވަތަ ހާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އެމަނިކުފާނު ރިޔާސީ ކެމްޕޭނު ފެށުމަށްޓަކައި މެނިފެސްޓޯ ލޯންޗް ކުރި ދުވަހު ވިދާޅުވެފައިވާނެކަމަށް ތަކުރާރު ކުރައްވާފަ އެވެ.

އެ ސިޔާސަތު އެއީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތު. އެއީ ކޮން ސިޔާސަތެއްތޯ؟ އެއީ ދިވެހި ރައްޔިތުން އިސް ކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސް ކުރުމުގެ ސިޔާސަތު. އަޅުގަނޑު އެރޭ ދެންނެވިން ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ފަހިވާ ގޮތަށް، ކަންކަން ހަމަޖެހިގެންދާ ގޮތަށް ނުވަތަ ރައްޔިތުންގެ ކަންކަމަށް ކަންކަން ފަހި ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާ އެކީގައި ގާތް ގުޅުމެއް ބާއްވާނަމޭ.

ގައުމުތަކާއެކު ކިތަންމެ ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން ކަށަވަރު ކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށްވެސް އަދި ކުރިއަށް އޮތްތާވެސް މަސައްކަތް ކުރައްވާނީ އެ ސިޔާސަތުގެ މަތީގައިކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ