ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ލ. ކުނަހަންދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް، މިހާރު ސޮއިކޮށްފައިވާ މަގުހެދުމުގެ މަޝްރޫޢާ ގުޅުވައިގެން ދާއިމީ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވާފައިވަނީ ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނަހަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފެށުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި މަގުތަކުގައި ހިނގާބިނގާވެ އުޅުމުގެ ދަތިކަމާއި، ރަށު ސްކޫލުގެ މަސައްކަތް ލަސްވަމުންދާ މައްސަލަ ހިމެނެ އެވެ. މީގެއިތުރުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ޖަލްސާކުރާނެ ހޯލެއް ނެތުމާއި، އެކަށީގެންވާ ޞިއްޙީ ޚިދުމަތް ނުލިބޭ މައްސަލަވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ މިއަދު ފެށި އަދި ސޮއިކުރެވުނު މަޝްރޫތަކުގެ މަސައްކަތް ވަރަށް ސަމާލުކަމާއެކު ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ ތެރެއިން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީކުރެވޭނެކަމަށް ވިދާޅުވެފައިވެ އެވެ.

1978 ވަނަ އަހަރުން ފެށިގެން މިއީ އިންތިޚާބީ ވެރިއެއް ކުނަހަންދޫއަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަން ރައްޔިތުން ވަނީ ފާހަގަކުރައްވާފަ އެވެ. ބައްދަލުވުން ނިމުމުގެ ކުރިން، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކުނަހަންދޫ ކައުންސިލަށް ހަނދާނީ ފިލައެއް ރައީސް މުއިއްޒު ވަނީ ހަވާލުކޮށްދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ކުނަހަންދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ