އިންޓަޕޮލް ނޯޓިސްއަކީ އާންމުންނަށް ފެންނަގޮތަށް ވެބްސައިޓްގައި ޕަބްލިޝް ކުރާ އެއްޗެއް ނޫން ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން މިހެން ބުނީ މާލެ ސިޓީ ކައުންސިލުގެ އިލެކްޓްރީޝަނެއް ކަމުގައިވާ މ. އަސަރީހަދާން، ތަސްލީމް މުހައްމަދު ގެއްލުމާއި ގުޅިގެން އިންޓަޕޮލްއިން ޔެލޯ ނޯޓިސްއެއް ނެރެފައިނުވާ ކަމަށް ”އަދަދު“ ނޫހުން ރިޕޯޓްކުރުމާއި ގުޅިގެން ނެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާ ކުރި މެސެޖެއްގައި ވަނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް ސެޕްޓެމްބަރު 12 ވަނަ ދުވަހު އިންޓަޕޮލް އިން ޕަބްލިޝްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އިންޓަޕޮލް މެދުވެރިކޮށް ޕަބްލިޝް ކުރާ ނޯޓިސްތަކަކީ އިންޓަޕޮލް މެންބަރު ހުރިހާ ގައުމަކަށްވެސް ފެންނަ ގޮތަށް ޕަބްލިޝް ކުރާ ނޯޓިސްއެއް ކަމަށެވެ.
”މިގޮތަށް ޕަބްލިޝް ކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޮލްގެ ވެބްސައިޓްގައި ޕަބްލިޝް ކުރާ ނޯޓިސްއެއް ނޫން ކަމުގައި ދަންނަވަން“
ފުލުހުން ބުނީ ތަސްލީމު ގެއްލިގެން 30 އޮގަސްޓު 2024 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ތަސްލީމް ގެއްލުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށެވެ. އެއާއެކު، ފުލުހުންނާއި އެމްއެންޑީއެފްއިން ގުޅިގެން ވަނީ ތަސްލީމް ހޯދަން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާ ފާސްކޮށްފަ އެވެ. ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރި ކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެމްއެންޑީއެފުން މިދިޔަ މަހުގެ 31 އާއި މިމަހުގެ އެކަކާއި ހަ ވަނަ ދުވަހު، 943،998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
“އަދި ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ. މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމް މުހައްމަދާއެކު ދަތުރު ދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން، އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވޭ.” ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނާގޮތުން ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިއްބެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ވަނީ ބަޔާން ދީފަ އެވެ. އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮއްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައި ވެއެވެ. އަނެއް ދުވަހު ހެނދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. މަންޒަރު ހިމެނޭ ފޮޓޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފަ އެވެ.
އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާ ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން، ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފަ އެވެ.
މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކުރެވިފައެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލާފަ އެވެ.
