ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރުމަށްޓަކައި މި ހަފްތާ ތެރޭގައި ފުލުހުން ސައިކަލު ބޭނުން ކުރަން ފަށާނެކަމަށް ފުލުހުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވީ ފުލުހުން ސައިކަލުގައި ބްރިޖު ޕެޓްރޯލް ކުރުމަށް ނިކުންނަނީ ބްރިޖު ޕެޓްރޯލް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށެވެ.
މުހައްމަދު ލުތުފީ ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން ފުލުހުން ސައިކަލުގައި ބްރިޖު ޕެޓްރޯލް ކުރަން ފަށާނެ ކަމަށެވެ.
ބްރިޖު ޕެޓްރޯލް ކުރުމަށް ފުލުހުން މިހާރު ބޭނުން ކުރަމުން އަންނަނީ އެ ހިދުމަތުގެ ކާރުތަކެވެ. މުހައްމަދު ލަތީފް ވިދާޅުވީ ސައިކަލު ބޭނުން ކުރަން ފެށުމުން ބްރިޖު ޕެޓްރޯލް ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ބްރިޖުގެ އަރިމަތީގައި މަޑުކޮށްގެން ފޯނު ބޭނުން ކުރުން ފަދަ ކަންކަމުގައި ތިބޭ މީހުން ފޮނުވާލުމަށް ފަސޭހަވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ މަގުތައް ބަލަހައްޓަން ފަށާފަ އެވެ. މިއީ މާލެއާއި ހުޅުމާލޭގައި މިދުވަސްވަރު ހިނގަމުންދާ އެކްސިޑެންޓްތަކާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅެކެވެ. އެގޮތުން މަގުތަކުގައި ޗެކްޕޮއިންޓް ޖަހާ އުޅަނދުތައް ބަލާ ޗެކް ކުރުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ފަށާފަ އެވެ.
މިފަހަކަށް އައިސް ހިނގި އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ފުރާނައަށް ނުރައްކާވެފައިވާއިރު ބައެއް މީހުންގެ ފުރާނަ ވަނީ ގެއްލިގެންގޮސްފަ އެވެ.