ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވިޔަފާރިތަކުން މަސައްކަތެއް ނަގަންވެސް އެކިކަހަލަ ”ކޮމިޝަންތައް“ ދޭންޖެހުނު ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކުރިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މެންބަރު ޒަރީރު ވިދާޅުވީ އޭނަގެ އަމިއްލަ ވިޔަފާރިތަކެއް ވެެސް ހުރިކަމަށާއި ނަމަވެސް ނިމުނު 5 އަހަރު ސަރުކާރުގެ އެއްވެސް މަސައްކަތެއް ނަގާފައި ނުވާނެ ކަމަށެވެ.
ސަރުކާރުގެ މަސައްކަތެއް އޭނާގެ ކުންފުނިތަކުން މިދިޔަ ފަސް އަހަރުގައި ނުނެގީ، އެ މަސައްކަތް ނަގަންދިއުމުން އެކި ނަންނަމުގައި ”ކޮމިޝަންތައް“ ނަގާތީ ކަމަށް ޒަރީރު ތުހުމަތު ކުރެއްވި އެވެ. އަދި ބައެއްފަހަރު މަސައްކަތުގެ ފައިދާއަށްވުރެ ބޮޑު އެއްޗެއް ކޮމިޝަންގެ ގޮތުގައި ދޭންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޒަރީރު ވަނީ، ނިމިދިޔަ ސަރުކާރުގައި ފެނަކައިން 130،000 އަދި 150،000 އަށް ކުރެވޭ ދަތުރުތައް 3 ލައްކަ އަދި 5 ލައްކައިގައި ވެސް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
މީގެއިތުރުން ޒަރީޒު ވިދާޅުވީ މިދިޔަ ސަރުކާރުގައި ގިނަ ވިޔަފާރިތަކުން ކުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ދީފައި ނުވާކަމަށާއި އަދި އެއްވެސް މަސައްކަތެއް ނުކުރާ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާވި ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެންމެބޮޑަށް ޖެއްސުންކުރީ މިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވެ ޒަރީރު ވިދާޅުވީ މިނިސްޓަރު ހިއްޕުޅާނުވާ ކުންފުންޏެއް ނަމަ ހުރިހާ ޕޭމަންޓެއް ހިފަހައްޓާފައި ހުރި ކަމަށެވެ.