ގއ. ކޮލަމާފުށީ ފުށްޓަރު ފަރާތުން މާވަހަރު ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޮވައިފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލުގެ ރައީސް އިބްރާހީމް ވަހީދު ވިދާޅުވީ އިއްޔެ އެރަށުގެ ފުށްޓަރު ފަރާތުން 3 މީހަކަށް މާވަހަރު ކަމަށް ބެލެވޭ 4 އެއްޗެއް ހޯދިފައިވާ ކަމަށެވެ.

އިބްރާހީމް ވަހީދު ވިދާޅުވިގޮތުގައި އެ އެއްޗެހީގެ ތެރޭގައި ކުދި ސައިޒްގެ އެއްޗެހިވެސް ހުއްޓެވެ. އަދި ބަރުދަނުގައި މުޅިއެކު ޖުމްލަ ދެ ކިލޯ ވަރު ހުންނާނެ ކަމަށް ވިދާޅުވި އެވެ. ކައުންސިލަރު ހިއްސާ ކުރެއްވި ފޮޓޯތަކުން ފެންނަ އެއްޗެހީގައި ހުދު ކުލަ ހުރި ކަމަށް ދައްކަ އެވެ.
އެއީ އަސްލު މާވަހަރުތަކެއްތޯ މިހާރު ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވި އެވެ.

މާވަހަަރަކީ އަތަރު ނުވަތަ ސެންޓު ހަދަން ފެށުމަށް ބޭނުން ކުރާ އަގުބޮޑު އަދި އާންމުކޮށް ވަރަށް ހޯދަން ދަތި އެއްޗެކެވެ. މި އެއްޗަކީީ ބޮޑުމަހުގެ ގައިން ބޭރުވާ އެއްޗެކެވެ. މާވަހަރު އަތަރާއި ސެންޓުގެ ތެރެއަށް އަޅަނީ ސެންޓުގެ ވަސް ގިނަ ދުވަހަށް ދިގުދެމިގެންދާނެ ގޮތަކަށް ހެދުމުގެ ބޭނުމުގަ އެވެ.
ކޮލަމާފުށިން މާވަހަރު ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާއިރު މިދިޔަ މަސް ތެރޭގައި ރާއްޖެ ކަނޑުން ބޮޑުމަހެއް ފެނިގެން އޭގެ ވީޑިއޯތައްވެސް މީސް މީޑިއާގައި ދައުރުކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން މާވަހަރު ފެނިގެން ބޮޑެތި އަގުތަކުގައި ވިއްކާފައި ވެއެވެ. މީގެ ކުރިންވެސް ކޮލަމާފުށިން މާވަހަރު ފެނިގެން ވިއްކާފައިވާ ކަމަށް އެނގިފައި ވެއެވެ.