އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދިފާއުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވައިފި އެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަހީމްއާއި ބެހޭގޮތުން މީސް މީޑިއާ ހޭންޑްލްއަކުން ދޫކޮށްފައިވާ ޑީޕް ފޭކް ވީޑިއޯއަކާއި ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ޝަހީމްގެ ސިފައަށް އޭއައިގެ އެހީގައި އެޑިޓްކޮށްފައިވާ ފިރިހެނެއްގެ މަންޒަރެވެ. އެ ވީޑިއޯގައި ފެންނަ ފިރިހެންމީހާ އަންހެނަކާއި ގައިގޯޅިވާ މަންޒަރު ދައްކާފައި ވެއެވެ.
އެ ވީޑިއޯއަކީ ޕާކިސްތާނު ދެމީހެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯ ފުޅާ ދާއިރާއެއްގައި މީސް މީޑިއާގައި ދައުރުކުރި ”ހަސަން ކުރުސީ“ އެކްސް ހޭންޑްލްއިން ވަނީ އެއީ ޝަހީމްގެ ވީޑިއޯއެއް ނޫންކަން ކަށަވަރުކޮށްދީ، ޝަހީމްއާއި އާއިލާގެ ކިބައިން މައާފަށް އެދިފަ އެވެ.
ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށެވެ. ކޮންމެ މީހެއްގެވެސް މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާ ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
”ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަަގީގަތާއި ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން. މިފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން އެބަޖެހޭ“
އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ހަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ، މި ފަދަ ނުބައި އަމަލުތައް ހަރުކަށި އިބާރާތުން ޝާހިދު ކުށްވެރި ކުރެއްވި އެވެ.
އަބްދުﷲ ޝާހިދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު