އިންޝުއަރެންސް ބިލުގައި ހިމަނާފައިވާ ޖޫރިމަނާގެ އަދަދުތައް ބޮޑުކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ”އިންޝުއަރެންސްގެ ބިލު“ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
މިބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޒަރީރު ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރިއަށް ހުޅުވާލާއިރު ވިސްނަންޖެހޭނީ ވީހާވެސް ގިނަ ކުންފުނިތަކުން މި ދާއިރާގެ ތެރެއަށް ވެއްދޭނެ ގޮތެއް ހެދުމަށް ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ކޮންމެވެސް ވަރެއްގެ އިސްލާހުތަކެއް އަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ޒަރީރުވަނީ ބިލުގައި މިހާރު ޖުރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް ބޮޑުކަން ފާހަގަ ކުރައްވާފައެވެ.
”އަޅުގަނޑު ގަބޫލުކުރާގޮތުގައި، މީގައި ހިމެނޭ ޖޫރިމަނާގެ އަދަދުތައް ތަންކޮޅެއް ބޮޑު.“ ޒަރީރު ވިދާޅުވިއެވެ.
މި ބިލުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ތެދުނޫން މައުލޫމާތެއް ދީގެން ހައްގު ނޫން މަންފާއެއް ހޯދުމަށް އުޅެފިނަމަ އަދި އެފަދަ ކަމަކަށް އެހީތެރުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދކުން ޖުރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އިންޝުއަރެންސް ބިލުގައި ހިމެނޭ މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަވެސް 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.